ސިޔާސީ މަގާމުތައް އަދިވެސް މަދު: ސަލީމް
އަހުމަދު ނިހާން
30 ޖުލައި 2024 - 23:33
0 comments
ޕީއެންސީ ޖަގަހަ ޖަލްސާގައި ސަލީމް މިރޭ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެންސީ
ދައުލަތް ވަރުގަދަ އަށް ހިނގާނަމަ ސިޔާސީ މަގާމުތައް އަދިވެސް އިތުރުކުރަންޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އެކި ފަރާތްތަކުން މި ސަރުކާރު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައިވީ ނަމަވެސް ޕީއެންސީން ދާނީ އެ އަޑު ނާހާ ކުރިއަށް ކަަމަށް ވިދާޅުވެ ސަލީމް ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފައެވެ.އެންމެ ގިނައިން ދައްކާ ވާހަކައަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރުކަމަށް ބުނެ ދައްކާ ވާހަކަތައް ކަމަށް ސަލީމް ވިދާޅުވިއެވެ"ސިޔާސީ މަގާމެއް ދޭ ކޮންމެ ރައްޔިތަކީ ވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މިއީ ބަންގްލަދޭޝް މީހެއް ނުވަތަ އިންޑިއާ ނޫނީ އެހެން ރަށެއްގެ މީހެއް ވެސް ނޫން، މިއީ ދިވެހި ރައްޔިތުން. މީގެއިން ކޮންމެ މީހެއްގެ ވެސް އާއިލާއެއް އޮންނާނެ. އެމީހުން ވެސް ދިރިއުޅުމަށްޓަކާ މަގާމުތައް ބޭނުންވާނެ، ފައިސާ ބޭނުންވާނެ،" ސަލީމް ވިދާޅުވި އެވެ.ސަލީމް ވިދާޅުވީ އެންމެ ނިކަމެތި މީހާ ވެސް ރަނގަޅަށް ދިރިއުޅެން ބޭނުންވާނެ ކަމަށާއި ސަރުކާރުގެ މަގުސަދަކީ ކުންފުނިތަކުގައި ވަޒީފާތައް އުފައްދައިގެން ނަމަވެސް މި ފަސް އަހަރު ނިމޭއިރު ވަޒީފާ ބޭނުންވާ ހުރިހާ އެންމެންނަށް ވަޒީފާ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި ސަރުކާރު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.މީގެ އިތުރުން މި ސަރުކާރުގެ އަމާޒަކީ ސަރުކާރުންނާއި ކުންފުނިތަކުން ވަޒީފާތައް އުފައްދައިގެން ނަމަވެސް ޒުވާނުންނަށް ވަޒީފާ ޔަޤީންކުރާނެ ކަމަށާއި އެއްވެސް ރައްޔިތަކު މި ސަރުކާރުން ބާކީ ނުކުރައްވާނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.ސަލީމް މިފަދައިން ވާހަކަދެއްކެވިއިރު މި ސަރުކާރުގެ ސިޔާސީ މަގާމުތައް ހާމަނުކުރާތީ އެމްޑީޕީ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ހާމަކުރުމަށް ގޮވާލައި އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު