ޚަބަރު
ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.

ޕީއެންސީއިން ބުނި ގޮތުގައި، ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން، އަންނަ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ދާއިރާއަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.

ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ޕާޓީގެ ޓިކެޓަށް ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނެވެ.

މި ޕްރައިމަރީގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، އަދި ޕީއެންސީގެ ދަފްތަރުގައި ހިމެނޭ ނުވަތަ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީގެ އިޢުލާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމުންނެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 6 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު