ޚަބަރު
ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ އާނއެކޭ
ދެ އިންތިހާބުގެ ރެފަރެންޑަމްގައި ކޮންގްރެސް ޕާޓީގެ ސްޓޭންޑަކީ އެކަމަށް "އާނއެކޭ" ބުނުންކަމަށާއި ހުރިހާ ރައްޔިތުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކޮށްދިނުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެދިވަޑައިގެންފި އެވެ. 

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހް ވިދާޅުވީ މި ބަދަލުގެ ސަބަބުން ވެސް ރިޔާސީ ދައުރުގެ މެދުތެރެއިން ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުގެއްލޭ ކަމަށެވެ.

އެމްޑީޕީން މި ފަހުން ވަކާލާތުކުރަމުން ދަނީ މަޖިލިސް އިންތިހާބު ދައުރުގެ މެދު ތެރެއަށް ބަދަލުކުރުމަށެވެ. ރިޔާސީ އިންތިހާބު ބާއްވާތާ ފަސް މަހެއްހާ ދުވަސް ފަހުން މަޖިލިސް އިންތިހާބު އޮންނަ އިރު، ކޮންމެ ފަހަރަކު އޭރެއްގެ ސަރުކާރުން ބޮޑު މެޖޯރިޓީއެއް ހޯދަ އެވެ.

ފަލާހް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުން ވެސް ކައުންސިލް އިންތިހާބު އޮންނާނީ ދައުރުގެ މެދުތެރެއަށެވެ. އެހެންކަމުން ދައުރުގެ މެދުތެރެއަށް ބޮޑު އިންތިހާބަކާ އޭރެއްގެ ސަރުކާރުން ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބު ބޭއްވިއަސް، ކައުންސިލް އިންތިހާބު ބޭއްވިއަސް އޭރު އޮންނަ ސަރުކާރު ބަދަލުވަނީއެއް ނޫން. ނަމަވެސް ސަރުކާރަކަށް އެބަ ޖެހޭ މި ގޮތަށް ބަދަލުކުރުމުން ވެސް ބޮޑު އިންތިހާބަކަށް ދައުރު މެދުތެރެއިން ރައްޔިތުންނާ ހަމައަށް ދާން،" ފަލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނާ ކައިރިއަށް ދާން ޖެހެނީ ކޮންމެހެން އިންތިހާބުތަކުގައި އެކަނި ނޫން ކަމަށެވެ. އިންތިހާބެއް ނެތިސް، ރައީސް މުއިއްޒު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިކަމަށް ފަލާހް ވިދާޅުވި އެވެ.

"ދެ އިންތިހާބުގެ ރެފަރެންޑަމްގައި ޕީއެންސީގެ ސްޓޭންޑަކީ "އާނއެކޭ". އެެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް. އިންތިހާބުތައް މަދުވާ ވާހަކަ ދައްކާއިރު ރިޔާސީ ދައުރުގެ މެދުތެރެއިން އެބަ އާދޭ ލޯކަލް ކައުންސިލު އިންތިހާބު. ދައުރުގެ މެދު ތެރެއިން އެ އިންތިހާބު އޮއްވާ އިންތިހާބުތައް މަދުވާ ވާހަކަ ނުދެއްކޭނެ. އެންމެ ރަނގަޅު ދުވަސްތަކާ ދިމާކޮށް ބޮޑު އިންތިހާބެއް އެބަ ބޭއްވޭ." ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރުމަކީ ޕީއެންސީގެ ސްޓޭންޑްކަމަށް ވުމާއެކު އެކަމަށް ރައްޔިތުން ވެސް ތާއީދުކޮށް ދެއްވުމަށް އެދިފަ އެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ވަކިވަކިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމުން ވޯޓުލުމަށް ދާ މީހުންގެ އަދަދު މަދުކަން ކުރީގެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށެވެ. 

އެގޮތުން ޝިޔާމް ވަނީ 2018 ވަނަ އަހަރާއި 2013 ވަނަ އަހަރު ވެސް ރިޔާސީ އިންތިހާބަށް ގިނަ ބަޔަކު ވޯޓުލާން ނިކުތްއިރު އޭގެ އަހަރެއް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު މަދު ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިފި ނަމަ، އެކަމަކީ ރައްޔިތުންގެ ބައިވެރިކޮށްގެން އިންތިހާބުގެ ކަންކަން ނިންމާލެވޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރަން ވަކާލާތު ކުރަމުންދާއިރު އެއީ އެކަމަށް ވެސް ބާރު ލިބޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު