
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ، ކުރިން އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.އެ ދާއިރާއަށް ބޭފުޅަކު ހޮވުމަށް އިއްޔެ ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިވެ.އިއްޔެ ބޭއްވުނު އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައި، މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ، ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދަށް ވޯޓްދެއްވި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމްޑީޕީއަށް ކާމިޔާބުވީ ނަމަވެސް ކާމިޔާބުވީ ނަތީޖާގެ ފަރަގާ ގުޅުވައި ފާޑު ވިދާޅުވެފަ އެވެ."އިންޝާﷲ، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުއިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދުގެ އިންތިޚާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.މިއީ ކާމިޔާބެއްގެ ގޮތުގައި ޕީއެންސީން ސިފަ ކުރި ނަމަވެސް އެމްޑީޕީން ބުނި ގޮތުގައި، މި އިންތިހާބު ކާމިޔާބު ކުރީ ސަރުކާރުން އެ ޕާޓީގެ މެމްބަރުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުން ދަނިކޮށެވެ. އަދި އިންތިހާބުން ދިން މެސެޖަކީ ސަރުކާރު އޮތީ ފެއިލްވެފައި ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.