ޚަބަރު
2028 ގެ ކެމްޕެއިން ޓީމް އެކުލަވާލެވިއްޖެ: އަބްދުއްރަހީމް
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ކޮންގްރެސް ނިމުނުއިރު 2028 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ޓީމް އެކުލަވާލެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ޤައުމީ މަޖިލިސް (ކޮންގްރެސް) ކާމިޔާބުކަމާއެކު ނިންމާލުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއީ ސިޔާސީ ޖަލްސާއެއް ނޫންކަން ފާހަގަކުރައްވައި، ކޮންގްރެސްގެ ކާމިޔާބީއަށްޓަކައި ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕާޓީގެ އެންމެހާ މެންބަރުންނަށް އޭނާ ވަނީ ތަހުނިޔާ ދަންނަވާފަ އެވެ.

އަދި އިންތިޒާމުތައް ފުރިހަމަކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ވިލަރެސް ކޮމިޓީއަށާއި، ޕާޓީގެ ނައިބު ރައީސް އަދި ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙުގެ އިތުރުން މުވައްޒަފުންނާއި ސަޕޯޓަރުން ކުރި އިޚްލާޞްތެރި މަސައްކަތަށް ޢަބްދުއްރަޙީމް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ. 

ޕީއެންސީގެ މެމްބަރުންނަށް އަބްދުއްރަހީމް ގޮވާލެއްވީ ކޮންގްރެސްގައި އުފެދުނު ޕާޓީ ރޫހުގައި އެންމެ ސިކުންތެއް ވެސް ނަގާ ނުލައި 2028 ގެ އިންތިހާބަށް މަސައްކަތް ފެށުމަށެވެ. 

"ދިވެހިރާއްޖެއަށް ބޭނުންވަނީ އަޅުގަނޑުމެންގެ ފިކުރުގެ ވެރިކަމެއް. ޕީއެންސީގެ ފިކުރުގެ ވެރިކަމެއް. ގައުމީ ފިކުރުގެ ވެރިކަމެއް. ބިނާކުރަނިވި ފިކުރުގެ ވެރިކަމެއް. ބިނާކުރަނިވި ފިިކުރު މިއަދު އޮތީ ބަޔަކު އަދި ހިތްހަމަޖެހުނަސް ނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެެ.

ޕީއެންސީގެ ކޮންގްރެސްގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އަރުވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު