އަބްދުﷲ މައުރޫފް
19 ސެޕްޓެމްބަރ 2026 - 09:54
0 comments
މި ހިތުގައި ތެދުވެރިކަމާއި ހާލިސްކަން ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 
ކޮންގްރެސް ނިންމާލުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ނިންމާލަނީ ފެށުމަކާ އެކު ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފެށުން ކަމަށެވެ.
"އަޅުގަނޑުމެން ބުނަމުންދަނީ މި އަޒުމަށް ވަރުބަލިކަމެއް ލޮޅުމެއް ހިލާ ނާންނާނެއޭ. މި ހިތުގައި ތެދުވެރިކަމާއި ހާލިސްކަން ހުންނާނެއޭ. ވިދުވަރެއްހާ ހަލުވިކޮށް އުފެދޭ މުރާލިކޮށް އުފެދޭ ހިޔާލުގައި ހިދުމަތޭ ދޭނީ މި ގައުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ގައުމު ދެކެ ލޯބިވާ ފިކުރު ކަމަށާއި އެ ފިކުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެއްގޮތަށް ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް ރައްޔިތުންނާ ހަމައަށް ތިރިވެލަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނީ ރައްޔިތުންނާ ހަމަގައި ތިބެގެން ކަމަށާއި ރައީސް މުއިއްޒު ދައްކަވަނީ އެ ނަމޫނާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. "އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ފަހުރުވެރިކަމާއެކީގައި، ދިވެހިރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ."އެއީ، 2015 އިން ފެށިގެން 2023އާ ހަމައަށް ދައްކަން ޖެހުނު މުޅި ޖުމުލަ އަދަދާ އެއްވަރުގެ އަދަދެއް ދެއްތޯ. އެހެންވީމަ މިއީ އަޅުގަނޑުމެނަށް އުފުލަން ޖެހޭ އެންމެ ބޮޑު ބުރަ" މިނިސްޓަރު ވިދާޅުވި އެވެ.