ވިޔަފާރި
ބީއެމްއެލްގެ 30 މުވައްޒަފުން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި
ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓާޑް ބޭންކާ ޕްރޮގްރާމް" ފަށައިފި އެވެ.

މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓާޑް ބޭންކިން ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މިދިޔަ ޖެނުއަރީގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)އާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބީއެމްއެލްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެ އެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށެވެ.

"މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ޝަރީފް ވިދާޅުވި އެވެ.

ޗާޓާޑް ބޭންކާ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު