ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ ބޭފުޅުން މިއަދު ނުކުމެ ތިއްބެވީ އެ ބޭފުޅުންގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތައް ކަމަށް ދައުވާކުރައްވަން ނޫން ކަމަށް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ތިން ރައީސުން ވެސް ވަނީ ކޮންމެ ވެރިކަމެއްގައި ވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކާއި މައްސަލަތައް ހުންނާނެކަން ގަބޫލުކުރައްވާފަ އެވެ.އިދިކޮޅު ޕީއެންއެފްގެ ރައީސް ޔާމީނާއި އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކަމަށްވާ ނަޝީދާއި ސޯލިހު މިރޭ މާލޭގައި ބައްދަލުކުރައްވައި ސޮއިކުރެއްވި ލިޔުމެއްގައިވަނީ އެކަންކަމާ ދެކޮޅަށް މަސައްކަތްކުރައްވައި "ގައުމު ހަމަ މަގަށް އެޅުވުމަށް" އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.
މި ސަރުކާރުގެ މައްސަލަތަކުގެ ގޮތުގައި ކުރީގެ ތިން ރައީސުން ފާހަގަކުރެއްވީ:- މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން
- ނޫސްވެރިން ޖަލަށް ލުން
- ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލުން
- ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވުން
- ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގަނެފައިވީ ނަމަވެސް އެކަންކަން އިސްލާހުކުރުމަށް ސަރުކާރު ނުކުޅެދުން
- ރައްޔިތުންގެ މުދާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓޭ ކަމުގެ އިތުބާރު ގެއްލުން
- ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިޔުން
މި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ތަފާތު ފިކުރުގެ ތިން ރައީސުން އެއް މޭޒެއްގެ ދޮށުގައި، ނޫސްވެރިކަމުގެ ހައްގުގައި ވާހަކަދެއްކެވި ފާހަގަކޮށްލެވޭ ފުރަތަމަ ފަހަރެވެ. ތިން ރައީސުން ވެސް ވަނީ ނޫސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި މިހާރު ވަނީ ޖަލަށް ލައިފަ އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.