ޚަބަރު
ގޭގް އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓަށް!
އަދަދު ނޫހުން ގެނައި ޑޮކިއުމެންޓަރީއަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައި ވަނީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. 

އެގޮތަށް އަމުރު ނެރެފައިވަނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.

މި އަމުރު ބާތިލްކޮށްދިނުމަށް އެދި، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭން އެދިފައިވެ އެވެ.

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމު ނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސިޔާސީ ޕާޓީތަކަށް ވެސް އެންގުމެއް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު