ޚަބަރު
ޖަލުގައި ތިބި ނޫސްވެރިންގެ ހާލަތާ ގުޅޭ ތަހުގީގެއް އެޗްއާރްސީއެމުން ފަށަނީ
އަދަދު ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި ނޫސްވެރިން ބޭއްވި ހަރަކާތް - ފޮޓޯ: ދައުރު
ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށް ލާފައިވާ ނޫސްވެރިންނާއި އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް)އިން ތަހުގީގެއް ކުރަން ނިންމައިފި އެވެ.

އެ ކޮމިޝަނުން ރޭ ބުނި ގޮތުގައި ޖަލުގައި ތިބި އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ މީހުން ދޫކޮށްލަން ގޮވާލާ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ވަނީ ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލައިފަ އެވެ.

ކޮމިޝަންގެ އެ ޒިޔާރަތްތަކުގައި، އެ މީހުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަންޖެހޭ ކަންކަން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. 


ލީވާން އާއި ޝަހުޒާން ފުރަތަމަ މާފުށީ ޖަލުގެ ޔުނިޓް12ގައި ބައިތިއްބާފައި ތިބި ނަމަވެސް، މިހާރު ލީވާން ވަނީ ޔުނިޓް 10ގެ ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައި ސަބަބެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ. 

ޝަހްޒާނާއި ލީވާން މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފައިވަނީ ގަޒްފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވިކަމަށް ބުނެ އެވެ. އެގޮތުން، ލީވާން 10 ދުވަހަށް، އަދި ޝަހްޛާން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ދެ ނޫސްވެރިން ވެސް ބަންދުކުރީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ އެވެ.

އެ ދެ ނޫސްވެރިން ދޫކޮށްލަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވާއިރު، މާލޭގައި އެކަމަށް ގޮވާލާ ސިލްސިލާ މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު