ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަން އިންކާރުކޮށްފި
ޔޫނުސް އިބްރާހިމް
08 ޖޫން 2026 - 17:36
0 comments
ފިޔާޒާއި ހަސަން: ދެ ނޫސްވެރިން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި -- ފޮޓޯ/ އެމްޖޭއޭ
އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގައި ދެ މީހުން ވެސް މިއަދު އިންކާރުކޮށްފި އެވެ. މި ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައިފަ އެވެ. އަދި ދައުވާއާ ގުޅޭ ގޮތުން ދިފާއުން ކުރި ސުވާލުތަކަށް ޖަވާބުދީފައިވެ އެވެ. އެ ދައުވާއަށް ފިޔާޒާއި ހަސަން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ އިންކާރުކޮށްފަ އެވެ. އެހެންވެ، ދައުލަތުން ވަނީ އެ ދެ ނޫސްވެރިންނާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ފިޔާޒާއި ހަސަންއަށް ފުރުސަތު ދިނެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޝުއޫރު