އައިޝާ ޑޮކިއުމަންޓްރީ: ހަސަން އަދި ފިޔާޒު ވެސް ހުރީ ހަނު!
އިބްރާހިމް އިމާދު
29 އޭޕްރީލް 2026 - 20:12
0 comments
ފުލުހުންގެ އިދާރާ ކުރިމަތީގައި ފިޔާޒު (ކ) އަދި ހަސަން - ފޮޓޯ: ދައުރު
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އައިޝާ" ޑޮކިއުމެންޓްރީއެއް ޝާއިއު ކުރި މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އަދަދުގެ އެޑިޓަރު ހަސަން މުހައްމަދު މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ.
މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް ފުލުހުން ސުވާލު ކުރުމުން، ގާނޫނުއަސާސީ ލިބިދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށް އެދެބޭފުޅުންގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދާ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެެސްޓިގޭޝަން ބިިލްޑިންގައި 30އަކަށް މިނެޓު ހޭދަކުރެއްވުމަށް ފަހު، އެ އިދާރާގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒުގެ ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ ފުލުހުން "ސުވާލުތައް ވެސް އަމާޒުކޮށްފައި ވަނީ ވެސް މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް" ކަމަށެވެ. އެހެންވެ، ނިންމީ ހަނު ހުރުމުގެ ހައްގު ބޭނުންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަންގެ ވަކީލު ސައްޔާހު ހަލީލު ވިދާޅުވި ގޮތުގައި ހަސަން ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ. "މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް. އެ ކަން އެހެން އޮތުމުން ހަސަންގެ ފަރާތުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި،" ސައްޔާހު ވިދާޅުވި އެވެ.މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަތް މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.މީޑިއާގެ މައްސަލަތައް ބަލަން ކޮމިޝަނެއް އޮއްވައި ފުލުހުން މި މައްސަލައިގެ ތެރެއަށް މި ގޮތަށް ވަނުމަކީ މިނިވަން ނޫސްވެރިކަމަށް ވަކާލާތު ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.އަދި މި މައްސަލައަށް މިހާރު ވަނީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބިފަ އެވެ.ރައީސް އޮފީހުގައި މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ވަނީ "އައިޝާ"ގެ ނަމުގައި ނެރެފައިވާ އެ ޑޮކިއުމެންޓްރީގައި ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ދެއްކި މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސުވާލާ ގުޅުވައިގެން "އަދަދު" ނޫހުން ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ވީޑިއޯ ހެދި ކަމަށް އިއުތިރާފުވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ރައީސް ވަނީ އެފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާއި މެދު ދައުވާ ކުރަން ކަމާއި ބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު