ޚަބަރު
ޓެކްނިކަލް ޑައިވިންއަށް ހުއްދަދިނުމަށް ގާނޫނެއް ހަދަނީ
ޓެކްނިކަލް ޑައިވިންއަށް ހުއްދަ ދިނުމަށްޓަކައި ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުގައި އެބައޮތް ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ ޓެކްރެކް ޑައިވިން ނުވަތަ ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށެވެ. އެހެންވެ އެފަދަ ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅޭ ކަމަށާއި އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. 

ގެއްލުނު އިޓަލީގެ ޑައިވަރުންތަކުގެ ހަށިތައް ހޮހޮޅައިން ނެގީ، ފިންލޭންޑުގެ އެކަމާ ގުޅޭ ހާއްސަ ޓީމަކުންނެވެ. އެ މީހުންގެ ހަށިތައް މިހާރު އިޓަލީއަށް ފޮނުވާލައި، ދެ ގައުމުން ވެސް އަންނަނީ އެ ހާދިސާއާ ގުޅޭ ތަހުގީގެއް މިހާރު ފަށާފަ އެވެ.

ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ މަރުވެފަ އެވެ. މަހުދީ މަރުވުމުގައި އިހުމާލެއްވޭތޯ ބަލަން ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޓެކްނިކަލް ޑައިވްއަކީ އާދައިގެ ޑައިވްތަކާ ހިލާފަށް ވަކި ހާއްސަ ތަމްރީނެއް ލިބި އަދި އެކަމަށް ހާއްސަ ސާމާނު ބޭނުންކޮށްގެން ކުރާ ޑައިވްއެކެވެ. 

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ޑައިވިންގެ އެންމެ ހިތާމަވެރި ހާދިސާ ދާދި ފަހުން ހިނގީ ވެސް ޓެކްނިކަލް ޑައިވިންގެ ތަމްރީނު ނެތް ބަޔަކު އެެކަން ކުރުމުގެ ތެރެއިންނެވެ. 

ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އެ މިޝަންގައި ބައިވެރިވެ، އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ އެންމެ އެތެރޭގެ ޗެމްބަރުގައި ތިއްބައި ހޯދީ މިދިޔަ ހަފުތާގަ އެވެ. އަދި އެ މީހުންގެ ހަށިތައް ހުރީ ހޮޅައިގެން 200 ވަރަކަށް ފޫޓު އަޑީގަ އެވެ.

ރާއްޖޭގައި ޑައިވް ކުރުމުގެ ހުއްދަ އޮންނަނީ އެންމެ ފުންމިނަކީ 98 ފޫޓް ނުވަތަ 30 މީޓަރު އަޑިއަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު