ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްގެ އިދާރާގެ ބޭރުގައި ލީވާން އޭނާގެ މަންމައާއެކު. -- ފޮޓޯ: އަދަދު
އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް ލިޔުނު އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ކުރި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިއަދު މިނިވަންވެއްޖެ އެވެ.
ޖަލުން ނުކުމެ ލީވާން މިއަދު ބުނީ، ހަބަރެއް ލިޔެގެން، ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާން ޖެހުމުން ފެންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ކުރިން ކުރި ކަންކަން އިއާދަވަމުންދާ ތަން ކަމަށެވެ.ލިޔާ ލިއުމަކުން ނޫސްވެރިޔަކު ޖަލަށް ދާން ނުޖެހޭނެ ކަމާ މެދު މިހާރު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެއީ މި ސަރުކާރުން މީޑިއާ ރެގިއުލޭޓުކުރުމަށް އުފެއްދި ކޮންޓްރޯލު ބިލުގެ މަސައްކަތް ކުރަމުންދިޔައިރު ކަންބޮޑުވުން ފާޅުކުރި ސަބަބުކަން ލީވާން ފާހަގަކުރި އެވެ."އޭރު ވެސް ބުނަމުންދިޔައިން ސަރުކާރުން މިއުޅެނީ ހަމަ ސީދާ އަހަރުމެންގެ ދޫތައް ބަންދުކުރަންށޭ. އެކަން އަހުރެމެން ވިޔަ ނުދޭނަން. ޖަލަށް 10 ދުވަހަށް ލާފައި މި ނެރުނީ މިއަށް ވުރެ ވަރުގަދައަށް ޖައްސާނަން،" ލީވާން ބުންޏެވެ.ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި، ހަމަ އެ ދުވަހު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ވަނީ ޖަލަށް ލައިފަ އެވެ. ޝަހުޒާން ޖަލަށް ލާފައިވަނީ، އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކުރުމާ ގުޅިގެންނެވެ. އޭނާއަށް އިއްވާފައިވަނީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފިޔާޒު އާއި ހަސަންގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.