ބީއެމްއެލްގެ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ހުނައިދާ ޔާސިރު
13 މެއި 2026 - 12:33
0 comments
ބީއެމްއެލްގެ ފަންޑު އިން ބ. ދަރަވަންދޫގައި ކުރިއަށް ގެންދާ މުރަކަ ޕްރޮޖެކްޓް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކް ފަންޑަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކޮންމެ އަހަރަކުވެސް ބޭންކް ފަންޑް ކާމިޔާބުކުރާ ފަސް ފަރާތަކަށް ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ. މިއީ މިގޮތަށް މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ. މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމަޢު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ." 'ބޭންކް ފަންޑު' އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް. މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި 2026 ވަނަ އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން." ޝަރީފް ވިދާޅުވި އެވެ.ބޭންކް ފަންޑު ތައާރަފުކުރި ފަހުން، މުޖުތަމަޢަށް ބޭނުންތެރި ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
ކިޔުންތެރިންގެ ޝުއޫރު