ވިޔަފާރި
މައުލޫމާތު ފެތުރުމުގައި ސައްހަކަމާއި އިތުބާރު ދަމަހައްޓަންޖެހޭ: ޝަރީފް
ޑިޖިޓަލް މާހައުލުގައި މަޢުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ހަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިގުތިޞާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފްގެ ވާހަކަފުޅުގައި މާލީ ދާއިރާއާއި މީޑިއާގެ ދާއިރާއަކީ އެއް ދާއިރާއެއް އަނެއް ދާއިރާއަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވެއެވެ.

"ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮވޭ،" ޝަރީފް ވިދާޅުވި އެވެ.


ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް މައުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަހުލާގު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ހަގީގީ މަގުސަދަކީ އެންމެން ބައިވެރިކުރުމާއި ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި އިތުބާރު ގާއިމުކުރުމުގެ އިތުރުން އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

ޕީއެސްއެމްއާއި އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް އިންތިޒާމްކޮށްގެން ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓަކީ ރާއްޖޭގައި މިހާތަނަށް ބައްވާ އެންމެ ފުރަތަމަ މީޑިއާ ސަމިޓެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު