އިސްލާމީ ބޭންކިންގ ދާއިރާއަށް ހާއްސަ ބައިނަލްއަޤްވާމީ އެވޯޑް، އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސްގެ ޗެމްޕިއަން އެވޯޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް (ސީއެފްއައިކޯ) އިން ދޭ އެވޯޑެކެވެ.ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގުފަހިކޮށްދީފަ އެވެ. އަދި، އަތޮޅުތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީ މި އެވޯޑު ދިން ސީއެފްއައިކޯއިން ވެސް ފާހަގަކޮށްފައިވެއެވެ.އެ ބޭންކުން ހާމަކުރި ގޮތުގައި އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައިވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ޚިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށެވެ. މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމެވެ.އެގޮތުން، މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް 16.63 ބިލިއަން ރުފިޔާއަށް އެރި ކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.މީގެ އިތުރުން މި އެވޯޑުދިނުމުގައި ފާހަގަކޮށްފައި ވަނީ ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް ހިއްސާދާރުންގެ ޑައިވާސިފައިޑް ބޭސްއަކާ އެކު އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި، ޝަރީއާ އަދި ބޯޑް ފެންވަރުގެ ވަރުގަދަ އޯވަސައިޓް ނިޒާމުތައް ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ. އަދި ޑިޖިޓަލް ބޭންކިން، ސެލްފް ސާވިސް ވަސީލަތްތައް، ރިމޯޓް އޮންބޯޑިން، އަދި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތައް ވެސް މި އެވޯޑުގައި ބަލައިގެންފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.
މީގެ ކުރިން އެމްއައިބީން ވަނީ ބޭންކިން ދާއިރާގެ މަގުބޫލު އެކި އެވޯޑްތައް ހާސިލުކޮށްފަ އެވެ. އޭގެ ތެރޭގައި ވިސާ ކޮމާޝަލް ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން، އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ، އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ އެވޯޑު ހިމެނެ އެވެ. އޭގެ އިތުރުން 11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް 2025 އެވޯޑާއި ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން އިނިޝިއޭޓިވް އެވޯޑް ވެސް އެ ބެންކުން ވަނީ ހޯދާފަ އެވެ.