އެމްއައިބީގެ ޑެބިޓް ކާޑުން ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފި
އެމްއައިީޢިން ލ. ކަލައިދޫގައި ހުޅުވި އޭޓީއެމް.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދޭ ޑޮލަރުން އީ-ކޮމާސް ސައިޓުތަކަށް ހެދޭ ޓްރާންސެކްޝަންތަކުުގެ އަދަދު 10 އަށް ލިމިޓްކޮށްފި އެވެ.
އެމްއައިބީން ނެރުނު ނޯޓިސްއެއްގައި ބުނީ ރުފިޔާ ކާޑަށް ދީފައިވާ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ލިމިޓެއް ކަމަށާއި އެކަމަކު ބައެއް ކަސްޓަމަރުން އެ ލިމިޓް އެހެން ކަންކަމުގައި ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ.
"... ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން މި ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމައިފަ އެވެ." ނޯޓިސްގައި ބުނެފައިވެ އެވެ.
ލިމިޓް ބޭނުން ނުކުރެވޭ އީކޮމާސް ވެބްސައިޓްތަކުގެ ތެރޭގައި ޓީމޫ، އަލީއެކްސްޕްރެސް އަދި ޝީއިން ހިމެނެ އެވެ.
އެ ބޭންކުން ބުނީ މި ނިންމުމާ އެކު، އީކޮމާސް ވެބްސައިޓްތަކުގައި މަހެއްގެ މައްޗަށް ދެން ކުރެވޭނީ 10 މުއާމަލާތް ކަމަށެވެ.އެ ބޭންކުން ބުނި ގޮތުގައި މި ނިންމުން ނިންމި ސަބަބަކީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބޭންކުން ވަނީ މައާފަށް އެދިފައެވެ.އެމްއައިބީގެ އިތުރުން ބީއެމްއެލްއިން ވެސް މިފަހުން ވަނީ ރުފިޔާ ކާޑަށް ދެމުންގެންދާ ޑޮލަރު ލިމިޓް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ ރުފިޔާ ކާޑު ގިނަ ފަހަރަށް ބޭނުން ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.