ޚަބަރު
ޔާމީން ވިދާޅުވުމެއް ؛ ދުވަސްކޮޅަކުން ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރާނެ!
ދުވަސްތަކެއް ނުވެ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާނެ ކަމަށާއި، އޭގެ ހުރިހާ ތަކްލީފެއް އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޔާމީން މިފަދައިން ވިދާޅުވިއިރު މިހާރު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 20.50ރ. އަށެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ޑޮލަރުގެ އަގު 20.50 ރުފިޔާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަގު މިވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވުމަށް ފަހު އެވެ. 

ޔާމީން ވިދާޅުވީ، ޑޮލަރުގެ އަގު ދިވެހި ރުފިޔާއާ އަޅާބަލާއިރު މިހާރު މިއޮތް މިންވަރަށް ބޮޑުވުމުން އޭގެ ތަކްލީފު ރައްޔިތުން އުފުލަން ޖެހުން އޮތީ ދުރުގައި ނޫން ކަމަށެވެ. މިހާރު ކަންކަންދާ މަގުން ދާނަމަ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އެރުމަކީ ގާތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު މިވަގުތު އޮތް ހާލަތުގައި ކުރިއަށްދާނަމަ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ނޭދެވޭ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި ރާއްޖެއަކީ ގިނަ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، ޑޮލަރުގެ އަގު މަތިވުމުން ތަކެތީގެ އަގުތައް ބޮޑުނުވެ ނުހުންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު