
މީގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެ ބޭންކުން ފާހަގަކޮށްފައިވަނީ ހަކަތައިގެ އަގުތައް އުފުލުމާއި އިންފްލޭޝަން އިތުރުވުމުގެ އިތުރުން މުދާ އުފުލައި ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވާ ހުރަސްތަކެވެ.ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި %2.9 ވަނީ %2.5އަށް ދަށްކޮށްފަ އެވެ.ތަކެތީގެ އަގު ބޮޑުވުމާއި ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ނުރައްކާ ރާއްޖެ އަށް ކުރިމަތިވެފައިވާއިރު، ސަރުކާރަށް ލިބޭ އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެ، އެންމެ ފަހުން ސަރުކާރުން ހިންގާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.އެންމެ ފަހުން ލިބެންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ ފަގީރުކަން ހުރީ 11.2 އިންސައްތައިގައެވެ. ހަމައެއާއެކު، އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (48.9 އިންސައްތަ) މީހުން ތިބީ ފަގީރުކަމުގެ މިންގަނޑުން ކިރިޔާ ސަލާމަތްވެފައި ކަމުން، ކުއްލިއަކަށް ދިމާވާ ހާލަތަކުން ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ބިރު އެމީހުންނަށް އޮންނާނެ ކަމުގައި ވޯލްޑް ބޭންކުން ދެކެއެވެ. ރާއްޖޭގެ ފަގީރުންގެ ތެރެއިން ކޮންމެ 10 މީހަކުން 9 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އަތޮޅުތެރޭގައި ކަމަށްވީ ނަމަވެސް، ފަގީރުކަމުގެ ނުރައްކާ އަތޮޅުތަކާއި މާލެއަށް ވެސް ވަނީ ކުރިމަތިވެފައިކަން ވޯލްޑް ބޭންކުން ފާހަގަ ކޮށްފައި ވެއެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ މެކްރޯއިކޮނޮމިކް ނުވަތަ މާލީ ހަމަޖެހުން އަލުން އިއާދަކުރުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ ފުރިހަމަ ފިސްކަލް އިސްލާހީ އެޖެންޑާ އަވަހަށް ތަންފީޒުކުރުން މަޖުބޫރެވެ.