ރިޕޯޓް
ރާއްޖެއަށް އޮތް އިގްތިޞާދީ ބިރުވެރި ގޮންޖެހުންތައް ކުޑަކުރަން
ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް "ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފަރސް" ގެ ނަމުގައި ރާއްޖޭގެ އިގްތިސާދުގެ ޓްރެންޑްތަކާ ގުޅޭ ގޮތުން އަލިއަޅުވާލާފައިވެ އެވެ. ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ނަމަވެސް ފަތުރުވެރިންގެ ހަރަދު ކުޑަވުމާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. މި ކަންކަމާއި އެކު އުފެއްދުންތެރިކަން އިތުރުވުން މަޑުޖެހުމަކީ އިގްތިސާދީ ނާޒުކުކަންތައްތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ހާމަކޮށްދޭ ކަންކަމެވެ.

ރިޕޯޓުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވާ އެއް މައްސަލައަކީ މިދިޔަ އަހަރު ޖީޑީޕީގެ 123 ޕަސެންޓަށް އަރާފައިވާ ދައުލަތުގެ އާންމު ދަރަނި ބޮޑުތަނުން އުފުލިގެން ދިއުމެވެ. 123 ބިލިއަނާ އެއްވަރުގެ މި ބިރުވެރި އަދަދުން ދައްކުވައިދެނީ އަޅާނުލާ ދޫކޮށްނުލެވޭނެ ބޮޑު މާލީ ބުރައެކެވެ. ހަރުދަނާ މާލީ އިސްލާހުތަކެއް ނެތި، އިންޓަރެސްޓް ބޮޑު ބޭރުގެ ދަރަންޏަށް ބަރޯސާވުމަކީ ކުރިއަށް އޮތްތަނުގައި މާލީ ގޮންޖެހުންތައް ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމެކެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އެވްރެޖްކޮށް ދަރަނި އަނބުރާ ދެއްކުމަށް ބޭނުންވާ މިންވަރު ބޮޑުއިރު، މި އަހަރާއި އަންނަ އަހަރު 512 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

"ދަރަނި މެނޭޖުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރާއްޖޭގެ ދަރަނި މިހާރު އިތުރުވަމުންދާ ނިސްބަތަށް ބަލާ ދަރަނި މެނޭޖުކުރުމަކީ މެދު ރާސްތާގައި ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ،" ވޯލްޑު ބޭންކުން ބުންޏެވެ.

ބޭރުގެ ދަރަންޏަށް ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވާއިރު، އިގްތިސޯދުގައި ކޮންމެހެން ގެންނަން ޖެހޭ ފިސްކަލް އިސްލާހުތައް ނުގެނެސް ލަސްވުމަކީ އިގްތިސޯދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ވޯލްޑު ބޭންކުން ބުންޏެވެ.

އެހެންކަމުން، މާލީ އިސްލާހުގެ އެޖެންޑާ ހަލުވިކަމާއި ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، މުޖުތަމައުގެ ފަގީރު އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޓާގެޓްޑް ސަބްސިޑީތަކަށް އިސްކަން ދޭން ޖެހޭނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވަޒީފާގެ ސަބަބުން މާލީ ދަތިކަން ކުޑަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރާއްޖޭގެ އިގްތިސޯދު ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރަން އަވަސް ފިޔަވަޅުތައް އަޅަން ގޮވާލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދައުރު އިގްތިސޯދުގައި ކުޑަކޮށް އަމިއްލަ ކުންފުނިތަކަށް ފުރުސަތު ބޮޑުކުރަން ވެސް ވޯލްޑު ބޭންކުން ވަނީ ރާއްޖެ އަށް ލަފާދީފަ އެވެ.

މިފަދަ އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގެ މިސާލުތަކަށް ބަލާއިރު، ސަރުކާރަށް ވިސްނާލެވޭނެ ބައެއް ސްޓްރެޓެޖީތައް އެބަހުއްޓެވެ. މިސާލަކަށް؛

އިޤްތިޞާދު ތަފާތުކުރުން: 
ދަނޑުވެރިކަމާއި، ޓެކްނޮލޮޖީއާއި، އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ކުރިއެރުވުން ފަދަ ފަތުރުވެރިކަމުން ބޭރުގައި އިޤްތިޞާދު ތަފާތުކުރުމުގެ ފުރުޞަތުތައް ހޯދުން. މިއީ އެއް ސިނާއަތަކަށް ބަރޯސާވުން މަދުވެ، ކުރިއެރުމުގެ އާ މަސްދަރުތަކެއް އުފެދިދާނެ ކަމެކެވެ.

އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރުން: 

ގުޅުން އިތުރުކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، އިންވެސްޓްމަންޓް ޝައުގުވެރިވާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް އިސްކަންދިނުން. މީގެ ތެރޭގައި ދަތުރުފަތުރާއި، ޓެލެކޮމިއުނިކޭޝަން، އަދި ހަކަތައާބެހޭ އިންފްރާސްޓްރަކްޗަރ އަށް ކުރާ އިންވެސްޓްމަންޓްތައް ހިމެނެއެވެ. ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެހާ ބޮޑު ވާދަވެރިކަމެއް އޮތް ތަނެއް ރާއްޖެއަކުން އަދިވެސްް ނުފެނެއެވެ. 

މާލީ ޑިސިޕްލިން: 
މި ސަރުކާރު އައިފަހުން މާލީ ސިޔާސަތުތައް ގެންގުޅެ ގޮތާއިމެދު ހިތްހަމަޖެހެ އެވެ. އަދިވެސް ސަރުކާރުގެ ހަރަދު އިތުރަށް ކުޑަކޮށް، ޓެކްސް އިސްލާހުތަކުގެ ތެރެއިން އާމްދަނީ އިތުރުކުރުމާއި، އާންމު މާލީ ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުން ފަދަ މާލީ ޑިސިޕްލިން ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތައް އަޅަން އެބަ ޖެހެއެވެ.

އިނޮވޭޝަން އަދި ވިޔަފާރި ކުރިއެރުވުން: 
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ސަޕޯޓް ދިނުމާއި، ސްޓާޓްއަޕްތަކަށް ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނޭ ގޮތަށް އިނޮވޭޝަން އަދި ވިޔަފާރިވެރިކަމަށް ފަހި މާހައުލެއް ގާއިމްކުރުން.

ސަބްސިޑީ ނިޒާމް ބަދަލުކުރަން:

އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ހިދުމަތްތަކަށް ވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް "ސަބްސިޑީ ނިޒާމް" ހަމަޖެހިފައި އޮތުމަކީ، ރާއްޖޭގެ މާލިއްޔާއަށް އޮތް ބޮޑު ބުރައެއް ކަމަށް މާލީ ބޭފުޅުން ވިދާޅުވެ އެވެ. މިސާލަކަށް އާސަންދަ އަކީ ހުރިހާ ދިވެހިންނަށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމަށް ހިންގާ ނިޒާމެއް ނަމަވެސް، އެންމެ ފޯރުންތެރިކަން ހުރި ފަރާތްތަކުން ލިބިގަންނަ ހިދުމަތްތަކަށް ވެސް ސަރުކާރަށް ބަރޯސާވާ ގޮތަށް ހަމަޖެހިފައި އޮތުމަކީ މާލިއްޔާއަށް ބުރަ ބޮޑުވާ ކަމެކެވެ. އެގޮތުން ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުމެވެ. ނަތީޖާއަކީ ދައުލަތުގެ އާމްދަނީ އާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވެ ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުން ދެގުނަވުމެވެ. އެހެންކަމުން އާސަންދައިގެ ތެރެއިން ހޯދާ ހިދުމަތްތައް ވެސް ޓާގެޓިން ނިޒާމާ ގުޅުވައި އާސަންދަ ކަވަރޭޖަށް ބަދަލު ގެނެސް، އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭގޮތަށް ތެޔޮ އަދި ކަރަންޓު ސަބްސިޑީން ވެސް "ޑައިރެކްޓު ސަބްސިޑީ" އެއް ތައާރަފު ކުރުން މުހިއްމެވެ.

އިޖްތިމާޢީ ރައްކާތެރިކަން އިތުރުކުރުން: 

އިޤްތިޞާދީ ދަތިތަކުގެ އަސަރުތަކުން މުޖުތަމަޢުގެ އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ “ގުރޫޕްތައް” ހަރުދަނާކުރުން. މީގެ ތެރޭގައި ސިއްހީ ޚިދުމަތާއި، ތަޢުލީމާއި، އިޖުތިމާޢީ އެހީތެރިކަމުގެ ޕްރޮގްރާމްތަކުގެ ފުރުޞަތު ފުޅާކުރުން ހިމެނިދާނެ އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމު އެޖެންޑާ ތަންފީޒުކުރުން އަވަސްކުރަން ޖެހިފައިވާކަން ފާހަގަކޮށް އެ ބޭންކުން ބުނީ އެ ސިޔާސަތުތަކާ ގުޅޭ ސާފު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

ހާއްސަކޮށް ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމުން އޭގެ އަސަރު ކުރާނެ މީހުންނަށް މައުލޫމާތު ދީ، އެމީހުން ހޭލުންތެރިކުރުމުގެ މުހިއްމުކަން ވޯލްޑު ބޭންކުން ފާހަގަކުރެ އެވެ.

އިންކްލޫސިވް ގްރޯތް ކުރިއެރުވުމަށް މާލީ އިސްލާހުތަކާއި ޓާގެޓްޑް އިންޓަރވެންޝަންތައް ގުޅުވައިގެން ފުރިހަމަ އުސޫލެއް ގެންގުޅެގެން، ސަރުކާރަށް މިހާރު ހުރި އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، އިތުރަށް ކެތްތެރި އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅިދާނެ އެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެމެހެއްޓެނިވި އެއްބާރުލުމާއި ޕާޓްނަޝިޕްގެ މުހިންމުކަން ދެނެގަނެ، މި އިސްލާހީ މަސައްކަތްތަކުގައި ރާއްޖެއަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން ތައްޔާރަށް އެބައޮތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު