މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރު ގީލާ އަލީ ޖަވާބު ދެއްވަނީ - ފޮޓޯ: މަޖިލިސް
ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ހެލްޕްލައިނަށް، މިދިޔަ އަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ މީހުން ގުޅައި އެހީ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ގޮތުގައި ނަފްސާނީ ބަލީގެ މީހުންނަކީ ކުރު އަދި ވަރަށް ދިގު މުއްދަތަކަށް ވެސް ފަރުވާ ދޭންޖެހޭ ބައެކެވެ. އެހެންވެ، ހޮސްޕިޓަލެއް އިމާރާތްކުރާއިރު އެއީ އެފަދަ މީހުން ދިގު މުއްދަތެއްގައި ހޭދަކުރެވޭނެ ގޮތަށް ހަދާ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންނަށް އަނބުރާ އާއިލާގެ ގާތަށް ދެވޭނެ މާހައުލެއް ހޮސްޕިޓަލުގައި ގާއިމުކޮށްދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ގީލާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް، ނަފްސާނީ އެހީއަށް އެދި 10،000 އަށް ވުރެ ގިނަ މީހުން އެ ހެލްޕްލައިނަށް ހުޅި އެވެ."[ނަފްސާނީ ގޮތުން ދަށްވެ] އެ ފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހުންނަށް، ފުރަތަމަ މަރުހަލާއެއްގައި ބަޔަކާ ވާހަކަ ދައްކާލާނެ މަގު އަޅުގަނޑުމެންނަށް ފަހިކޮށްދެވުނު،" އޭނާ ވިދާޅުވި އެވެެ.މިހާރު ސައިކޭޓްރިސްޓް ފަރުވާ ދެވޭ ތަންތަން:
- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- ގަމު ރީޖަނަލް ހޮސްޕިޓަލު
- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު
- އައިޖީއެމްއެޗް
- ހުޅުމާލޭ ހޮސްޕިޓަލް
ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ ހަމަޖައްސައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމާފައި އެވެ. "މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،" ރައީސް ވިދާޅުވި އެވެ.