ޚަބަރު
ކުޅުދުއްފުށި ކައުންސިލުން ނަފްސާނީ ބަލިތަކާ ބެހޭ ސެންޓަރެއް ހުޅުވައިފި
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ތަރައްގީކޮށް ގާއިމުކުރި ނަފުސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއް ހުޅުވައިފި އެވެ.

މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އެވެ.

މި ހަބަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން، އެ ރަށުގައި ސިޓީ ކައުންސިލުން ކުރިން ގާއިމުކުރި ނޮލެޖް ސެންޓަރުގައި ތަރައްގީކުރި މަރުކަޒެކެވެ 

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހިދުމަތް ފެށި މި ހަބަކީ، މުޖުތަމައުގެ އިޖުތިމާއީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ އިތުރުން ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ.

އެ ތަނުން ލިބެން ހުންނާނެ ހިދުމަތްތަކަކީ:

  • ސައިކޯއެޑިއުކޭޝަން އަދި ސެޝަންތައް: ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަދި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މުހިންމު އެކިއެކި މައުލޫތަކަށް ހޭލުންތެރިކަމުގެ ސެޝަންތައް ގެންދިއުން

  • ކެރިއާ ގައިޑެންސް އަދި ސްޓްރެސް މެނޭޖްމެންޓް: ސްޓްރެސް މެނޭޖްކުރުމާއި ނަފްސާނީ ހިތްވަރު (އިމޯޝަނަލް ރެޒިލިއަންސް) ވަރުގަދަކުރުމުގެ އިތުރުން، މުސްތަގްބަލުގެ ކެރިއާ ބިނާކުރުމަށް މަގުދައްކައިދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދެވޭ ސެޝަންތައް

  • ބޯޑް ގޭމްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް: އެކުވެރި މާހައުލެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭ ތަފާތު ކުޅިވަރުތަކާއި ރެކްރިއޭޝަނަލް ހަރަކާތްތައް

މިއީ އުނގެނުމާއި، ދުޅަހެޔޮ ސިއްހަތާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ނޮލެޖް ސެންޓަރުގެ މުހިންމު އެއް ގޮފީގެ ގޮތުގައި އެ ކައުންސިލުން ސިފަކުރެއެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު