ޚަބަރު
އަމާޒަކީ ނަފުސާނީ ފަރުވާގެ ނިޒާމު ހަރުދަނާކުރުން: ރައީސް
މި ސަރުކާރުގެ އަމާޒަކީ ދުރާލާ ބަލި ދެނެގަނެވި ނަފުސާނީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. 

ރައީސް ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، އޯގާތެރި، މީހުންނަށް ވާސިލުވެވޭ އަދި އަދުލުވެރި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ އަޒުމު އައުކުރައްވާ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ބިނާކުރައްވާނީ އެ ނިޒާމުން ހިދުމަތްކުރާ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި އަޑުތަކަށް ރިއާޔަތްކުރައްވައިގެންނެވެ. އަދި އެ ނިޒާމުވާނީ ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ނިޒާމަކަށް ކަމުގައި ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މި އަޒުމު ހާސިލުކުރެއްވުމުގެ މަސައްކަތްކުރައްވަނީ 2025 ވަނަ އަހަރުން 2029 ވަނަ އަހަރަށް އަމަލުކުރުމަށް އެކުލަވައިލާފައިވާ ނަފުސާނީ ދުޅަހެޔޮކަމުގެ އިސްތިރާޖީ އަމަލީ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނެވުމާއެކު، ސިޔާސަތުތައް އެކުލަވައިލެއްވުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގެ ތެރޭގައި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގައުމީ ސިޔާސަތު އެކަށައެޅުމާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ޝާމިލު ގާނޫނެއް އެކުލަވައިލުން ހިމެނެއެވެ. އަދި އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއަށް ނަފުސާނީ ފަރުވާ ލާމެހެލެއްވުމުގެ ތެރެއިން ނަފުސާނީ ފަރުވާއަށް ވާސިލުވެވޭ މިންވަރު އިތުރުކުރެއްވުމަކީ ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. 

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުގަ އެވެ.

މި އަހަރުގެ މި ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަ ކުރަނީ ކ. ކާށިދޫގަ އެވެ. ދުވަހުގެ ޝިއާރަކީ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަޤީޤީ އަޑު، ހަޤީާީ ބަދަލު" އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު