ޚަބަރު
ދަ ޑިމޮކްރެޓްސްގައި މެންބަރުން ހަމަނުވެގެން އުވާލައިފި
ރައީސް ނަޝީދު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓު ލައްވަނީ - ފޮޓޯ: ދައުރު
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރު އެމްޑީޕީ ދޫކޮށްލެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އުވާލައިފި އެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަކޮށްފައި ނުވާތީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި ދަ ޑިމޮކްރެޓްސް އުވާލައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީ ދޫކޮށްލައްވައި އަދި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރާ އެކު، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވި ނަޝީދު މިހާރު ވަނީ އެނބުރި އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މި މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލިއިރު، މީގެ ކުރިން ވެސް އެއްފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ. ނަމަވެސް އޮކްޓޯބަރު، 2025، ގައި ސިވިލް ކޯޓުން ވަނީ ކޮމިޝަނުގެ އެ ނިންމުން ބާތިލުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު