ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން ވިދާޅުވެއްޖެ އެވެ.
އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާ ރަމްޒީ ގޮތުން ހަވާލުކޮށް ދެއްވީ، މި ވަގުތު ރާއްޖޭގައި ހުންނެވި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހުމާނެވެ. ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވުވެވަޑައިގަތީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފެވެ.ބަންގްލަދޭޝް އިން ހަދިޔާކުރި ގަސްތަކަކީ މިހާތަނަށް ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ. މީގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ގަސް ހަދިޔާކޮށްފައި ވަނީ ސްރީ ލަންކާއިންނެވެ. އެއީ 1މ000 ގަހެވެ.ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ތިން ވައްތަރެއްގެ ގަހެވެ. އެއީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.އިއްޔެ ތިން މިނިސްޓަރިން ލޮނުޒިޔާރަތް ޕާކުގައި ގަސް ވެސް އިންދެވި އެވެ.ގަސް ހަދިޔާކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މޫސުމީ ރައްކާތެރިކަމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް އޮތް އަޒުމް ހާމަކޮށްދޭ ކަމެއްކަން ވެސް ދެ މިނިސްޓަރުން ފާހަގަކުރެއްވި އެވެ.