ޚަބަރު
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވައިފި
ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް '2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމް'ގައި ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

ޔޫނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލާސްޓިން ޕީސް" ގެ ނަމުގައި މިސްރުގެ ކައިރޯގައި ބޭއްވި 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ބައިވެރިވެ ވަޑައިގެން ވަނީ ތަގުރީރު ކުރައްވާފަ އެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ އިޒްރޭލުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތައް އަލިއަޅުވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިޒްރޭލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކައް ބާރުދިނުމުގެ ގޮތުން އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލި އެވެ. އަދި، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިޒްރޭލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެން ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ 1975 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެއް ކަމަށެވެ. އަދި އޯއައިސީއާ ގުޅިގެން ސީއައިއާރްޕީޕީން '2025 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް' އެ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވާފައިވެ އެވެ.

ފަލަސްތީނުގެ ހައްގުގައި އަޑުހަރުކޮށް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުންނާއި އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު