ޚަބަރު
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރި ނުވޭ!
އީރާންގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު އޮތް ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ. އަދި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރަސްމީކޮށް އޮތީ އަންގާފައެވެ.

ނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގާފައިވަނީ، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން، ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މައުލޫމާތު ލިބުމާއެކު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާގައި ބައިވެރިވުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރު ތައުޒިޔާ މެސެޖެއް އިރާނުގެ ފޮރިން މިނިސްޓަރަށް ވަނީ ފޮނުވައިފަ އެވެ. 

ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވާއިރު ޚާމަނާއީގެ ޖަނާޒާގައި ކަޅު ހެދުމުގައި ތިބި އަދި ބަދަލުހިފުމާއި އިންސާފަށް ގޮވާލުމުގެ ރަމްޒެއް ކަމަށް ޝިއައީން ބަލާ ލޭ ރަތްކުލައިގެ ދިދަތައް ވިހުރަމުން ދިޔަ މީހުންނާ އެކު، ވެރިރަށް ތެހެރާނުގެ އިމާމް ހުމައިނީ މުއްސަލާ މައިދާންް އޮތީ އެއްކޮށް ތޮއްޖެހިފަ އެވެ.

މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ރަޝިއާގެ ކުރީގެ ރައީސް ޑްމިޓްރީ މެޑްވެޑޭވްގެ އިތުރުން ޗައިނާ އާއި އިރާގުގެ އިސް މަންދޫބުން ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، އަވަހާރަކޮށްލާފައިވާ ހިޒްބުއްލޯގެ އިސްވެރިންގެ އާއިލާގެ މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ނަމަވެސް، އީރާނުގެ އާ ރޫހާނީ ލީޑަރު، އަޔާތުﷲ އަލީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ ސަލާމަތީ ސަބަބުތަކަށްޓައި މި ޖަނާޒާގައި ބައިވެރިވެވަޑައެއްނުގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު