
ނުސެއިބާ، 48، ގެ ނަން ރަސްމީކޮށް ހުށަހަޅާފައިވާއިރު، ގަލްފް ގައުމުތަކުގެ ބޮޑު ތާއީދެއް މިހާރު ވެސް ވަނީ އޭނާއަށް ލިބިފަ އެވެ. އޭގެ ތެރޭގައި އޮމާން، ކުވައިތު، ބަހުރެއިން، ސައުދީ އަދި ގަތަރު ވެސް ހިމެނެ އެވެ.އދ. އަށް ޔޫއޭއީ އިން ކަނޑައަޅާފައިވާ އެމްބެސެޑަރެއްގެ ގޮތުގައި އަދި އެ ޖަމިއްޔާގެ ވިމެން އެކްޒެކިއުޓިވް ބޯޑުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ނުސެއިބާއަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފައި ވަނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.އެ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ އދ. ގެ ހިންގުމާއި އަންހެނެއް ހަވާލުވުމުގެ ވަގުތު ޖެހިފައިވާ ކަމަށް ރާއްޖެއިން ބުނަމުންދާ ބުނުން ދަމަހައްޓާ ކަމަށާއި ނުސެއިބާގެ ކެންޑިޑަސީ އިއުލާންކޮށްފައި މވަނީ އދ އަށް، އުސޫލީ ލީޑާޝިޕެއްގެ، އަދި މެމްބަރު ގައުމުތަކުގެ މެދުގައި އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބުންޏެވެ.އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ޕޯޗްގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ގުޓަރެސް އެވެ.