އިސްމާއިލް ރިޒާ
10 އޮކްޓޫބަރ 2026 - 11:42
0 comments
އިތުރު ހަތަރު ގައުމެއްގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ސަރުކާރުން ނިންމައިފި އެވެ.
އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ މިސްރާއި ސައުތު އެފްރިކާ އާއި އޮސްޓްރޭލިއާ އަދި އިޓަލީގަ އެވެ. އެކަން ކަށަވަރުވެފައި ވަނީ "މިހާރު" ނޫހުން ހޯދި އާރްޓީއައި ޖަވާބަކުންނެވެ. އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ. ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި ބޭރުގެ މިޝަންތަކަށް މަދުވެގެން 82 ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ. އެމީހުންގެ މުސާރައަށް މަހަކު 1.85 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެއީ އަހަރަކު 22.2 މިލިއަން ރުފިޔާ އެވެ. ރާއްޖޭގެ އެމްބަސީ ހުންނަނީ 10 ގައުމެއްގަ އެވެ. އަދި ހަތް ގައުމެއްގައި ރާއްޖޭގެ ހައިކޮމިޝަން ހުންނައިރު ދެ ގައުމެއްގައި ރާއްޖޭގެ ކޮންސިއުލޭޓު ވެސް ހުރެ އެވެ. އަދި އެމެރިކާގެ ނިއު ޔޯކުގައި ރާއްޖޭގެ ދާއިމީ މިޝަންއެއް ވެސް ހުންނަނީ ގާއިމްކޮށްފަ އެވެ. މި ސަރުކާރުން އެންމެ ފަހުން އެމްބަސީތައް ގާއިމްކުރީ ތުރުކީ އަދި ގަތަރުގަ އެވެ.