އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ވަޑައިގެންފި ނަމަ، އޭނާ ހައްޔަރުކުރެވިދާނެތޯ ބެލުމަށް ސިޓީގެ ގާނޫނީ މާހިރުންނާ މަޝްވަރާކުރައްވަމުންދާ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ މައްސަލައަށް ފާޅުގައި ތާއީދުކުރައްވާ ޑިމޮކްރެޓިކް ސޯޝަލިސްޓެއް ކަމަށްވާ މަމްދާނީ މިކަން ހާމަކުރެއްވީ ހޮނިހިރު ދުވަހު ނިއު ޔޯކް ޓައިމްސް (އެންވައިޓީ) އިން ގެނެސްދޭ "ދަ އިންޓަވިއު" ޝޯއަށް ދެއްވި ބަސްދީގަތުމެއްގައެވެ.ޣައްޒާގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް މަސައްކަތްކުރަމުންދާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް މަމްދާނީ ވިދާޅުވިއެވެ."އަހަރެން ގަބޫލުކުރާ ގޮތުގައި ބޮޑު ވަޒީރު ނަތަންޔާހޫ ހުންނަން ޖެހޭނީ ދަ ހޭގް ގައި. އޭނާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. މިއީ ފާއިތިވެދިޔަ އަހަރުތަކުގައި އޭނާ ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތް،" އެންވައިޓީއަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.ނަތަންޔާހޫ ވަނީ މި ވާހަކަތަކަށް ރޭޑިއޯ ހޯސްޓް ސިޑް ރޯސެންބާގްގައި ރައްދު ދެއްވާފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަމްދާނީ ސިއްރިއްޔާތުގައި އެމެރިކާ ދެކެ ރުޅިއާދެ އެވެ. އދ.އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ، ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރުތަކެއް ހުރި ނަމަވެސް، ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުގެ ވެރިން ބައިވެރިވާ އދ. ގެ އާއްމު މަޖިލިސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަ އެވެ.