ޚަބަރު
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖޭގައި ކަޅު ބާޒާރުގައިވެސް މިހާރު ޑޮލަރު ލިބެން ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި އަމީރު ފާހަގަކުރެއްވި ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 21 ރުފިޔާގަ އެވެ. މިގޮތަށް އަގު އުފުލި ޑޮލަރު ތާށިވުމުގެ ސަބަބުން ގައުމުގެ އިގްތިސާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

ޑޮލަރުގެ އަގު އުފުލެމުންދާއިރު އިގުތިސޯދީ ގިނަ ހަރަކާތްތައް ހުރީ ހުއްޓިފައި ކަމަށާއި ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމަށް އިބްރާހީމް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ޑޮލަރުގެ ރޭޓު މަތިވެގެންދާ ތަން ފެންނަ ކަމަށެވެ.

ރާއްޖެ މިހާރު އޮތީ ކޮސްޓް އޮފް ލިވިން ކްރައިސިސްގެ ތުންފަތް މަތީގައިކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، މިހާރު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަަމަށެވެ. އަދި ތަކެތީގެ އަގުތައް އިންތިހާ އަށް މަތިވަމުން އަންނަ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. ވިޔަފާރި ތަކަަށް ޑޮލަރު ލިބުމުގައި ހުރި ދަތި ކަމުގެ ސަބަބުން، ވިޔަފާރިތައް ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނެތް ކަމަށެވެ. 

މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ވައުދާއެކީގަ އެވެ. އެކަމަކު، މައްސަލަ ހައްލު ކުރަން އެކި ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށް ޑޮލަރުގެ އަގު ދަށަށް ގޮސްފައެއް ނުވެއެވެ.

އެ މައްސަލަ ބޮޑުވެ، ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު