މާލޭގެމަގުތަކުގެ ހައްލަކީ އާއޮފީހެއް ތޯ، ނޫނީ ޤާނޫނު ތަންފީޒުކުރުނތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ސުވާލު ކުރައްވައިފި އެވެ.
މޫސާ މިފަދައިން މި ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އޮފީހެއް އިއްޔެ އުފައްދެވުމާއި ގުޅިގެންނެވެ. ރައީސް އޮފީހުން ބުނީ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އުފެއްދެވި މި އޮފީސް ހިންގާނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ކަމަށެވެ. އަދި އެ އޮފީހަށް ލަފާ ދިނުމަށް ވަކި ގަވަނިން ބޯޑެއް އޮންނާނެ ކަމަށެވެ.
އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޕުރޮގުރާމުތައް އެކުލަވާލައި ތަންފީޒުކުރުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދުން އަދި އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.
މޫސަ ވިދާޅުވީ ރައީސްއޮފީހާއި މަޖްލީހާ ފަނޑިޔާރުގެއާ ސިފައިންގެ ދޮރުމަތީ ޕާކް ނުކުރެވޭއިރު ހޮސްޕިޓަލްތަކާ މިސްކިތަކާއި އާއްމުންގެ ގޭގެއާ ފިހާރަތަކާއި ގަރާޖް ތަކުގެ ކުރިމަތީގަ އުޅަދު ޕާކް ކުރީމަ އަޅާ ނުލާ ސަރުކާރުން ފިޔަވަޅެއް ނާޅާ ކަމަށެވެ.މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރަން ވަކި އޮފީހެއް އުފައްދާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކުރި އާންމު ރައްޔިތަކު ބުނީ މާލެ އަށް ބޭނުން ވަނީ އޮފީހެއް ނޫން ކަމަށާއި އިހުލާސްތެރިކަން ކަމަށެވެ. "އެގެއެއްގެ ވެހިކަލުތައް އެގެއެއްގައި ގަރާޖުކުރެވޭނެގޮތް ހަދާ. ކުންފުނިތަކުގެ ވެހިކަލުތައް އެމީހުން ގަރާޖުކުރޭ. ވެހިކަލު ގެނެވޭނެ ލިމިޓު ކަނޑައަޅާ. ޕުރައިވެޓު ވެހިކަލުގެ ފީ ބޮޑުކުރޭ. ކުރެޑިޓު ވިޔަފާރިއިން ޓެކުސް ބޮޑުކުރޭ. ޕަބުލިކު ޓުރާންސްޕޯޓު އަގުހެޔޮކުރޭ. މިކަންކަން ކުރެވިގެން ނޫނީ ހައްލެއް ނުވާނެ." މީހަކު ޝޯޝަލް މީޑިއާގައި ލިޔުނެވެ.އިތުރު މީހަކު ބުނީ ސަރުކާރުގެ ބޭނުމަކީ އިތުރު އޮފީހެއް ހަދާ ބަޔަކަށް ވަޒީފާ ބެހުން ކަމަށާއި މިދާވަރުން ދާނަމަ، ޑޮލަރު އަގު ތިރިކުރާ އޮފީހަކާއި ރަސްމާލެ ޓަނަލް އަޅާ އޮފީހަކާއި ސިޔާސީމީހުން 700އަށް މަދުކުރާ އޮފީހެއް ވެސް މިދާވަރުން ދާނަމަ ހަދާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ހެދި ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި 119،472 ވެހިކަލް ބޭނުން ކުރެ އެވެ. އޭގެ 93 ޕަސެންޓަކީ ސައިކަލެވެ. އެއީ 103،300 ސައިކަލެވެ. އެ ރިޕޯޓުގައިވާ ގޮތުން މާލެ ސަރަހައްދުގެ ޓްރެފިކާއި ތޮއްޖެހުމާއި އެއާ ޕޮލިއުޝަނަށް ހައްލެއް ހޯދުމަށް 132،230 ޕާކިން ސްލޮޓު ރަނގަޅަށް މެނޭޖް ކުރަން ޖެހެ އެވެ.