މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު 'ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް'ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އުފެއްދެވި މި އޮފީސް ހިންގާނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ކަމަށެވެ. އެ އޮފީސް ހިންގާނީ، ރައީސް އޮފީހުން ބުނި ގޮތުގައި ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ.
އެ އޮފީހުގެ ޒިންމާތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޕުރޮގުރާމުތައް އެކުލަވާލައި ތަންފީޒުކުރުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދުން އަދި އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.
ޓްރެފިކް މައްސަލަ ހައްލުކުރަން ވަކި އޮފީހެއް އުފެއްދިއިރު، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މިދިޔަ އަހަރު އާއްމުކުރި ދިރާސާއިން ވެސް މާލޭގެ ތޮއްޖެހުމުގެ މަންޒަރު ފެނެ އެވެ.
މާލެ ސިޓީ ކައުންސިލުން ހަވާލުކޮށްގެން ހެދި ދިރާސާއިން ދައްކާ ގޮތުން މާލެ ސަރަހައްދުގައި 119،472 ވެހިކަލް ބޭނުން ކުރެ އެވެ. އޭގެ 93 ޕަސެންޓަކީ ސައިކަލެވެ. އެއީ 103،300 ސައިކަލެވެ.
އެ ރިޕޯޓުގައިވާ ގޮތުން މާލެ ސަރަހައްދުގެ ޓްރެފިކާއި ތޮއްޖެހުމާއި އެއާ ޕޮލިއުޝަނަށް ހައްލެއް ހޯދުމަށް 132،230 ޕާކިން ސްލޮޓު ރަނގަޅަށް މެނޭޖް ކުރަން ޖެހެ އެވެ.