ޚަބަރު
އެލްޖީއޭގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑަށް، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެލްޖީއޭ އިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް އެ ގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ އެއް މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ އެއް މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 8 ގައި ކަމަށެވެ.

އެހެންވެ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ އިންތިހާބީ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 16 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް އެލްޖީއޭގެ ރަސްމީ އީމެއިލް މެދުވެރިކޮށް ނުވަތަ އެ އިދާރާގެ އޮފީހަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި ވޯޓުލުމަށްފަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެއްގެ އިތުރުން ޖެންޑާ އިކުއަލިޓީގެ ދާއިރާއިންނާއި، ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރުންނާއި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރަކު ހިމެނެ އެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސީއީއޯވެސް މި ބޯޑުގައި ހިމެނެންޖެހެ އެވެ.

މި ބޯޑަކީ ކައުންސިލްތައް މޮނިޓާކޮށް، ކައުންސިލަރުން މަގާމުގެ ނާޖާއިޒު ފައިދާ ނެގުމާއި، މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ގާނޫނާ ހިލާފު ކަންކަން ކުރާނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިގެންވާ މުހިންމު ބޯޑެކެވެ. މީގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރިކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުންވެސް ހިމެނެ އެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޯގަސްޓްމަހުގެ 11 ވާ އަންގާރަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު