ތިލަފުށީގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޓާސްކު ފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް އިއްޔެ ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ ރެއިޑުގައި 836 ބިދޭސީއަކާ ސުވާލުކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ހިފެހެއްޓި މީހުންގެ ތެރޭގައި ބަންގުލަދޭޝް އާއި އިންޑިއާ އަދި ނޭޕާލު މީހުން ހިމެނެ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ އަދަދު ދެނެގަތުމަށް ސަރުކާރުން ފެށި މަސައްކަތުގައި 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ބިދޭސީންގެ ޑޭޓާބޭސް މިހާރު ވަނީ އަޕްޑޭޓްކޮށްފަ އެވެ.