ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.
އެގޮތުން ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފަ އެވެ.ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.މިއީ މިހާރުން މިހާރަށް އަޅަން ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. އަދި މިއީ މިފަދަ ނިންމެވުމެއް ނިންމަވަން ކުރީގެ ވެރީން ފަސްޖެހިވަޑައިގެންނެވި ކަމެކެވެ.