
ސްޓޭޓް ފާމާ އިން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމަކީ ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތު ދީފައިވެ އެވެ. ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެއްވެސް ދަތިކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަރުގަދަކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއްކަމަށް ބުންޏެވެ. ހިރާނިސް ފާމަސޫޓިކަލްސް (ޕްރައިވެޓް) ލިމިޓެޑަކީ ބައިނަލްއަގުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ، ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ. ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ އިތުރުން ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ޤައުމުތަކަކަށާއި ދުނިޔޭގެ އެކި މާކެޓްތަކަށްވެސް އެ ކުންފުނީގެ އުފެއްދުންތައް އަންނަނީ ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުންނެވެ.އެއްބަސްވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް ދިނުން ކަމަށް ބޭސް ކުންފުނިން ބުންޏެވެ.