ޚަބަރު
ވެކްސިނާއި ބޭސް ހޯދަން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ މަޝްވަރާކޮށްފި
ރާއްޖެ އަށް ބޭނުންވާ ވެކްސިނާއި ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއާ އެކު ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން މިއަދު މަޝްވަރާކޮށްފި އެވެ.

ސްޓޭޓް ފާމާ އިން އާންމުކޮށްފައިވާ ގޮތުގައި ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރު އޮފް އިންޓަނޭޝަނަލް ބިޒްނަސް، ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ސްޓޭޓް ފާމާ އިން ބުނީ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނި ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީވެސް އެ ކުންފުނި ކަމަށް ސްޓޭޓް ފާމާ އިން ބުނެ އެވެ.

އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން އުފައްދަމުން ކަން ފާހަގަކޮށް ސްޓޭޓް ފާމާ އިން ބުނީ، ‎މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސްޓޭޓް ފާމާ އިން ބުނީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރަން ދުނިޔޭގެ މަޝްހޫރު ކުންފުންޏަކާ އެކު ސްޓޭޓް ފާމާއިން މިދިޔަ ހަފުތާގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާ އެކު ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ހަވާލުކުރީ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް (އެޗްޕީއެލް) ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މީގެ 30 އަހަރު ކުރިން ބަންގްލަދޭޝްގައި އުފެއްދި އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ރެގިއުލޭޓުކުރާ އިދާރާތަކުން ސެޓިފައިކޮށްފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އީޔޫ، އޮސްޓްރޭލިއާ އަދި މެލޭޝިޔާ ފަދަ ގައުމުތައް ހިމެނެ އެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު