ވިޔަފާރި
ޑޮލަރުން ލިބުނު އާމްދަނީ 867 މިލިއަނަށް ؛ ޑޮލަރެއް ގަންނަން ލިބޭ އަގު 20.80 ރުފިޔާއަށް
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 867.9 މިލިއަނަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަމިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 791.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 76.5 މިލިއަން ޑޮލަރު ނުވަތަ 9.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. އެއީ ޖުމްލަ އާމްދަނީގެ %37.2 ނުވަތަ 1 ބިލިއަން ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ:

  • އިންކަމް ޓެކްސް: 799 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %27)

  • ޓޫރިޒަމް ލޭންޑް ޓެކްސް: 411 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %14)

  • ގްރީން ޓެކްސް: 157 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.4)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 135 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)

  • ޑިޕާޗާ ޓެކްސް: 134 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.6)


ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 867.9 މިލިއަނަށް އެރި ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 20.80 ރުފިޔާގައި އެވެ.

ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރ ސައީދުގެ އިތުރުން ސަރުކާރުގެ އިސް އެތައް ފަރާތެއް، ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށް ވަނީ މީގެ ކުރިން އެތައް މުނާސަބަތެއްގައި ވިދާޅުވެފައެވެ. ޑޮލަރުގެ އަގު ދަށްކޮށް، ދިވެހި ފައިސާގެ އަގު މައްޗަށް އެރުވުމަށާއި އިޤްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް ޑޮލަރު ރޭޓު ހިފެހެއްޓުމެއްނެތި މައްޗަށް ދިއުމުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ. ޑޮލަރުގެ ރޭޓު ހިފެހެއްޓުމެއްނެތި ބޮޑުވުމަށް ދިމާވި އެއް ސަބަބު ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވާ އެއްކަމަކީ ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ފެށި "ޑޮލަރު އިންވެސްޓްމަންޓް" ސްކީމެވެ. އިންވެސްޓް ކުރުމުގެ ނަމުގައި ބީއެމްއެލުން ކަޅުބާޒާރުގެ އަގުގައި ޑޮލަރު މާރުކޮށްދޭން ފެށުމުން ޑޮލަރުގެ އަގު އުފުލޭނެ ކަމަށް އިގްތިސާދީ މާހިރުން އޭރުވެސް ފާހަގަކުރިއެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު