ޚަބަރު
ޑޮލަރު އަގުހެޔޮ ނުވަނީ އެމްޑީޕީގެ ދެ ސަރުކާރާ ހެދި: ސައީދު
ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، އާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަކީ, އިދިކޮޅުގައި މިހާރު އޮތް އެމްޑީޕީގެ ދެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުންގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުނީ އަދި ތިރި ނުވެގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެގެން ދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓު 10 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގައި ބޭންޑެއް އެޅުވި ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު މިއަދާ ހަމައަށް ވެސް ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ،

"ގާނޫނު ސަސްޕެންޑުކުރީ ވެސް މިދިޔަ ސަރުކާރުން. ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރަމުން ދިޔައީ. އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަން އެ ވާހަކަ ދެއްކިން،" އޭނަ ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ 10ރ. އާއި 15ރ. ގެ ދޭތެރޭގެ ބޭންޑެއް އެޅި ވާހަކަ ދެއްކި. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ."

ނަމަވެސް މި ސަރުކާރަށް ޑޮލަރުގެ މައްސަލަ ހަމައަކަށް ނޭޅުވިގެން އުޅޭތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސައީދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ

ސައީދު މިހާރު މިހެން ވިދާޅުވަމުން ގެންދެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު، ލ. މާވަށުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ރެކޯޑު އަގަކަށް ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ އެތައް މަސްތަކެއް ވޭތުވެފައިވާއިރު، އަގު އުފުލުނު ފަހުން އެއަށް ވުރެ ދަށަށް ނުދާ ކަން ފާހަގަކުރެވެ އެވެ. މިއަދުގެ ރޭޓުތައް ބެލިއިރު ވެސް ޑޮލަރެއް ގަންނަން ލިބެނީ 20.50ރ. އަށްވުރެ މަތީ ރޭޓުތަކުގަ އެވެ. 

މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވިދާޅުވެފައިވަނީ ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށެވެ.

ޑޮލަރު ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ނުލިބި، އާންމުންގެ ޝަކުވާތައް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު