ޚަބަރު
ދިރިއުޅެން ޝަރުތުކޮށް ހުޅުމާލޭން ދޫކުރި ގޯތިތަކުގައި ވިޔަފާރިކުރެވޭނެ މަގުފަހިކުރަން ޖެހޭ: މުއްތަލިބު
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކުރި ބިންތައް ވިޔަފާރިތަކަށް ހާއްސަކުރަން ހުއްދަ ދިނުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ. 

ކުރީގެ ސަރުކާރުން ބިންވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި 3 އަދި ގުޅީފަޅާއި ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނީ ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށެވެ. އަދި ވިޔަފާރި އުސޫލުން އެ ބިންތައް ބޭނުން ނުކުރެވޭނެ ކަމަށް ޝަރުތުކޮށްފައި ވެސް އޮތެވެ. 

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ހުޅުމާލޭގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ބިމަކުން ފޯރުކޮށް ދޭނެ ހިދުމަތަކަށް ވާން ނުޖެހޭ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިހާރު އެޗްޑީސީގެ ގިނަ ބިންތަކެއް ނެތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެ ފޭސް އިން އާންމުންނަށް 2،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބިންތަކުގައި އިމާރާތްކުރާއިރު ވަރަށް ބޮޑަށް "ތަޅުއެޅިފައިވާ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެ ބިންތަކުގައި އިމާރާތް ކުރަން ޖެހެނީ ހަމައެކަނި ދިރިއުޅުމަށް ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އެހެންވެ އެ ބިންތަކުގައި ޕްރީސްކޫލާއި ކްލިނިކާއި ޝޮޕިން ކޮންޕްލެސްތައް ތަރައްގީކުރަން ފުރުސަތު ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހެއޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތްވެސް ތަނަވަސްކޮށް ދޭން." މިނިސްޓަރު ވިދާޅުވި އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން 1،409 ގޯތި އަދި ހުޅުމާލެ ފޭސް 3 އިން 699 ގޯތި ދޫކޮށްފައިވެ އެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ގޯތި މިހާރު ވަނީ ހަވާލުކޮށް ނިންމާފަ އެވެ. 

ބޯހިޔާވަހިކަން ނޫން ބޭނުންތަކަށް ބިންވެރިޔާ ގޯތިތައް ބޭނުންކުރަން ހުއްދަ ދޭން އުޅޭއިރު، އެ ބިންތަކުގައި އިމާރާތްކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުއްދުމުގެ "ހިޔާވެހި" ނަމުގައި ފައިނޭންސިން ސްކީމެއް ތައާރަފުކުރި އެވެ. ނަމަވެސް، މި ސްކީމު އޮތް ގޮތުން ޝަރުތު ހަމަވީ މަދު ބަޔެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު