މިސަރުކާރުން ކުރިއަށް ގެންދާ ހައުސިންގެ ގިނަ މަޝްރޫއުތަކެއް ނިންމައި މި ދައުރުގެ ތެރޭގައި އެ ތަންތަނަށް މީހުންނަށް ވަދެވޭވަރު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ބޮޑު ސަމާލުކަމެއްދީގެން އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެފަދަ ޝަކުވާތައް ނާންނާނެ ގޮތަށް ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ބޯހިޔާވަހިކަމަކީ ވަކި މީހަކަށްވުމުން ދޭނެ އެއްޗަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. "ކުރީގެ ސަރުކާރުތަަކަށް ނުކުރެވި އޮތް އެކަން މި ސަރުކާރުން މިވަނީ ކުރަން އަމާޒު ހިފާފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. އެހެންވެ މާލެއާއި އެއްގޮތަށް އަތޮޅު ތެރޭގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގައި ވިދާޅުވި އެވެ. އަދި މިފަދަ ހުރިހާ މަޝްރޫއެއް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްގެންނާއި ބައެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެންވެސް ސަރުކާރުން މިހާރު ވަނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.