ޚަބަރު
ނޫމަޑި މައްސަލާގައި ރައީސަށް ކުރި ތުހުމަތު ދޮގުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ ރައްދު ދެއްވައިފި އެވެ.

ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ތުހުމަތު ކުރައްވައިފަ އެވެ.

ނޫމަޑި މައްސަލައިގައި މުއިއްޒު ދޮގު ހެއްދެވިކަން އެނގޭނެ ކަމަށް ފާހަގަ ކުރައްވަމުން ހުސައިން ވިދާޅުވީ، އެ މައްސަލައިން މުއިއްޒު ސަލާމާތްވެވަޑައިގަތީ ކިހިނެއްތޯ އެމަނިކުފާނުގެ ވަކީލަކާ  ސުވާލުކުރެއްވި ކަމަށެވެ.

"އެހީމަ އަޅުގަނޑު ގާތުގައި އޭނަ ބުނި ލާރި ދިނީމައޭ ފަނޑިޔާރަށް. ކިހާވަރެއްހޭ؟ އައް ލައްކަ ރުފިޔާއޭ. މިއީ އަޅުގަނޑުގެ ކައިރީގައި އެ ވަކީލު ބުނި އެއްޗެއް،" ހުސައިން ވިދާޅުވި އެވެ.

މުންދުގެ ސިލްސިލާ ޕްރެސް ބްރީފިންގައި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ ހުސައިން ވަހީދު އެ ވިދާޅުވާ ހުވަޔެއް ކުރަން ވަޑައިގަންނަވަންވީ ކަމަށާއި އޭރުން މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށެވެ.

"ހުސައިން ވަހީދު ހިންގަވާ ހުވާ ކޮށްލަމާ. އަޅުގަނޑު ހުންނާނަމޭ ހުސައިން ވަހީދު ކައިރީގައި. އަޅުގަނޑު އޭރު ވެސް އިނީމޭ،" އޭރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އެ މައްސަލައިގައި ރައީސް މުއިއްޒުގެ އެއްވެސް ކުށެއް ނެތްކަން ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އޭނާއަކީ އެކަމުގެ ސާބިތު ހެއްކެއް ކަމަށެވެ. 

"މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން،" މުންދު ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިފަދަ ބޮޑު ތުހުމަތެއް ގާނޫނީ ވަކީލު ވިދާޅުވެފައި ނުވާނަމަ ހުސައިން އެފަދަ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އެއާއެކު ހުސައިން ވަނީ އެ ވާހަކަތަކަކީ 100 ޕަސެންޓު ޔަގީން ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު