
ހިދުމަތްތައް ޑިޖިޓަލްކޮށްގެން ކުރިއަށްގެންދާނެ ގާނޫނީ އިޖުރާއަތްތައް ބަޔާންކުރާ ދެ ބިލެއް މަޖިލީހަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފަ އެވެ. އެ ދެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެއީ އީ-ވޯޓިން ނިޒާމު ގެނެސްގެން ވޯޓުގައި މަކަރު ހަދަން ވެގެން ސަރުކާރުން ކުރާ ކަމެއް ގޮތުގައި ތުހުމަތުކުރައްވައިފަ އެވެ.އިދިކޮޅު ފަރާތްތަކުގެ އެ ތުހުމަތުތަކަށް ރައީސް ރައްދު ދެއްވީ، ޕީއެސްއެމުން ރޭ ގެނެސްދިން 'ނޭޝަން ޗެޓު'ގައި ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ، ވޯޓުލުމުގެ ނިޒާމު ޑިޖިޓަލް ކުރުމުގެ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި މި މަޝްރޫއަކީ ހިދުމަތްތައް ފަސޭހަ ކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވި އެވެ."އިދިކޮޅު ފަރާތްތަކުގެ އަތުގައި ނެތީ ރައްޔިތުންނަށް އޮފާކުރާނެ އެއްވެސް އެއްޗެއް. އެ މީހުންގެ ކަމަކަށް އޮންނަނީ އަބަދު ވެސް ދޮގުހެދުން. އެ ގޮތަށް ހަދާލި ދޮގެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދައުލަތުންދޭ ޚިދުމަތްތަކުގެ ތެރެއަށް އިންސާނުން ވަންނަންޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ. އަދި ޚާއްޞަކޮށް ޕްރޮކިއުމަންޓް ނިޒާމާއި އެކިކަހަލަ ޚިދުމަތްތައް ތަރުތީބުކުރުމުގައި އިންސާނުންގެ ދައުރު ބޮޑުވުމުން، އަމިއްލަ ބޭނުމަށް ކަންކަން ބަދަލުކުރުމުގެ ފުރުސަތު އޮންނަކަން ރައީސް ފާހަގަކުރެއްވި އެވެ.