
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއުއަކީ "އަމާނާތްތަކަށް ރައްކާތެރިވުން" މިއެވެ.ހުތުބާގައި ވަނީ އަމާނާތުގެ މާނައަކީ ހަމައެކަނި މުދާ ރައްކާކުރުން ނޫން ކަމަށާއި، އޭގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ހާއްގުތައް ހިމެނޭ ކަމަށް ފާހަގަކޮށްފަ އެވެ.ހުތުބާގައި ބަޔާންކުރި ގޮތުގައި އަމާނާތުގެ ތެރޭގައި ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޙައްޖުވުމުގެ އިތުރުން ތެދުބަސްބުނުމާއި ދަރަނި އަދާކުރުން ހިމެނެއެވެ. އަދި އިންސާނާގެ ގުނަވަންތަކަކީވެސް އަމާނާތެއް ކަމަށާއި، ލޮލާއި ކަންފަތާއި ދޫ ފަދަ ގުނަވަންތައް ހަރާމް ކަންކަމުން ރައްކާތެރިކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މީގެ އިތުރުން ދަރިންނަށް ހެޔޮ ތަރުބިއްޔަތު ދިނުމަކީވެސް މައިންބަފައިންނާ ހަވާލުވެފައިވާ ބޮޑު އަމާނާތެއްކަން ފާހަގަކުރި އެވެ.ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއްކަން ހުތުބާގައި ފާހަގަކުރި އެވެ.ހުތުބާގައި ވަނީ، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއްކަން ހަނދާންކޮށްދީފަ އެވެ.ދެން ހުތުބާގައި ބުނީ، އަަމާނާތްތެރިކަން ނެތި ގޮސް ހިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި، ޙައްޤުތައް ގެއްލޭނޭ ކަމެއް ކަމަށެވެ. އެ ކަމުގެ ނަތީޖާއަކަށް ވާނީ، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރަށް، އާޚިރަތުގައި ގަދަފަދަވެގެންވާ ކޯފާއާއި އަޒާބާ ކުރިމަތިލާން ޖެހުން ކަމަށް ހުތުބާގައި ބުންޏެވެ.އަމިއްލަ ނަފުސުތަކަށާއި، އަނބިދަރިންނަށާއި، އަދާކުރާ ވަޒީފާތަކަށާއި ރައްޔިތުންގެ މުދަލަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. ހަމައެފަދައިން، ވަށައިގެންވާ ގުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެކެވެ. ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ. ޤިޔާމަތްދުވަހުން މި ހުރިހައި އަމާނާތްތަކާ މެދު ސުވާލުކުރެއްވޭނޭކަން ދަނެ، މާތް اللهއަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވުމަށް ހުތުބާގައި ވިދާޅުވިއެވެ.މިއަދުގެ ހުތުބާ ނިންމާލީ، ހުރިހާ އަމާނަތްތަކަށް ރައްކާތެރިވެ، ﷲއަށް ބިރުވެރިވާން މުސްލިމުންނަށް ވަސިއްޔަތްކުރަމުންނެވެ.