ޑީބީއެމްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ވާހަކަ ދޮގު ކުރައްވައިފި
އިބްރާހިމް އިމާދު
29 ޖޫން 2026 - 13:30
0 comments
ޑީބީއެމް ހުޅުވުމުގެ ހަފްލާ ތެރެއިން - ފޮޓޯ: މިހާރު
ދިވެހި ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާ ބޭރުގެ ބޮޑު ބޭންކެއް ކަމުގައިވާ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަަތައް ރައީސް މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޑީބީއެމްގެ 80 ޕަސެންޓް 10 މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ކަމަށެވެ. އެ ހިއްސާ ވިއްކާލީ ޖޭޕީ މޯގަން ކުންފުންޏަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަރުކާރުން މި ބޭންކުގެ ހިއްސާ ވިއްކާލާފައިވާ ކަމަށް ދައުރުވަމުންދާ ވާހަކަތާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި މިއީ "ގޮސިޕް" ކަމަށް ވިދާޅުވެ، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމުގެ ޔަގީންކަން ދެއްވި އެވެ. "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކަންތައްތަކުގައި އެއީ ވެސް ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައިގެން ތި ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. އެހެންވީމަ، ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް ވަރަށް ބޮޑަށް ފެެތުރިފަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ޑީބީއެމްއަކީ ތަރައްގީގެ މަޝްރޫއުތަކާއި ފެހި މަޝްރޫއުތަކަށް ސިންޑިކޭޓަޑް ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ބޭރުވާ ބޭރު ފައިސާގެ މިންވަރު މަދުކުރުމުގެ މަގުސަދުގައި ރައީސް މުއިއްޒު އުފެއްދެވި ބޭންކެކެވެ. ޑީބީއެމްއަކީ ރައީސް މުއިއްޒުގެ އިގުތިސޯދީ އެޖެންޑާގެ މުހިންމު ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ބޭންކުގެ އޮޕަރޭޝަންތައް ރަނގަޅަށް ނުފެށޭތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު