ޚަބަރު
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަ ކުއްޖަކު ފުރަނީ
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ތަނަވަސްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ އެހީގައި ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހަަދަން އެ ކުދިން ފުރާނީ އިންޑިއާއަށެެވެ. 

މިނިސްޓްރީން ބުނީ އެއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން އެ ފަރުވާ ހޯދުމަށް ފުރާ ތެލެސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕު ކަމަށެވެ. އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ވެސް ފުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ހަރަދު ހަމަޖެއްސުމަށް، މިދިޔަ މަހު އެ ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވާފައިވާ ކަމަށެވެ. 

މީގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެސް ޒަކާތު ފަންޑުން އަންނަނީ މިފަދަ އެހީތައް ފޯރުކޮށްދެމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ ތެލެސީމިއާ ކުދިން ލޭ އެޅުން ހުއްޓުވައިދޭ، މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ސަލާމަތްވެވެއެވެ.

މިއަހަރު ފަރުވާ ހޯދުމަށް ޖުމުލަ 10 ކުއްޖަކަށް ހުއްދަ ލިބިފައިވާއިރު، ފުރަތަމަ ބުރުގައި ފުރާ ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން ފުރުވުމުގެ އިދާރީ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު