ހިމަބިހި ރައްކާތެރިވާން ޔުނިސެފުން ރާއްޖެ އަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެއީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށް ގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އެ ޖަމާއަތުން ދިން ހަދިޔާއެއް ކަމަށެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފުގެ ފަރާތުން ވެކްސިން ހަވާލު ކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. ހެލްތު މިނިސްޓްރީން ބުނީ ހިމަބިހިން ރައްކާތެތިވާން މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5495 މީހުންނަށް ވެކްސިން ދީފައިވާ އިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ކުރަމުން އަންނަ ކަމަށެވެ.މިދިޔަ މެއި މަހުގެ ތެރޭގައި ހިމަބިހީގެ ކޭސްތައް ފެނުނު ފަހުން އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 121 އަށް އަރަ އެވެ.އެހެންވެ ރައްކާތެރިކަމުގެ ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދާ އިރު، ދާދި ފަހުން އިންޑިއާ އިން ރާއްޖެ އަށް ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފައިވެ އެވެ.