ޚަބަރު
މި ސަރަހައްދުން ހިމަބިހި އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ
އައިޖީއެމްއެޗުން ފަރުވާ ހޯދުމަށް ބަޔަކު އެތަނަށް ވަންނަނީ - ފޮޓޯ: ދައުރު
ނައްތާލާފައި އޮތް ހިމަބިހި، މި ސަރަހައްދުން އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި މި އަހަރު ރާއްޖެ ވެސް ހިމެނިއްޖެ އެވެ.

މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި، މިދިޔަ މަހުގެ ކުރީކޮޅު އަލުން ފެންނަން ފެށި ފަހުން ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 72 އަށް އަރާފަ އެވެ. މިއީ ބަލި ނައްތާލި ފަހުން މިހާ ގިނަ އަދަދަކަށް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހި މި އަހަރު އެންމެ ގިނައިން ފެތުރެމުން ދަނީ ބަންގްލަދޭޝްގަ އެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދެން މި ބަލި އެންމެ ގިނައިން ފެންނަނީ އިންޑިއާއިންނެވެ. މި ފަހަރު ތިން ވަނައިގައި އޮތީ ރާއްޖެ އެވެ. ސްރީ ލަންކާ އާއި ނޭޕާލް އޮތީ މާ ފަހަތުގަ އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، މި ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން، ހިމަބިހީގެ ވެކްސިން ފުރިހަމަ ކުރިތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ޓޫރިސްޓުންގެ ކިބައިން ފެންނަ އަލާމާތްތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލި މި އަހަރު އެންމެ ފުރަތަމަ ފެނުނީ ވެސް ރާއްޖޭން ބޭރުން އައި ބައެއްގެ ގައިންނެވެ.


މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
  • ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން.
  • ބަލި ޖެހިފައި ހުރިކަން ޔަގީންވާނަމަ ބަސް އަދި ޓެކްސީ ފަދަ، އާންުމުން ގިނައިން ބޭނުންކުރާ ވެހިކަލް ތަކުގައި ދަތުރުނުކުރުން.
  • ދަރިވަރަކަށް ހިމަބިހި ޖެހިފައިވާކަން ޔަގީންވާނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު މެނުވީ ސްކޫލަކަށް ނުފޮނުވުން.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު